75 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ތަރައްގީ ކުރުމަށް އެމްޓީސީސީ، އާރްޑީސީ އަދި ފެނަކަ އަށް

75 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ތަރައްގީ ކުރުމަށް އެމްޓީސީސީ، އާރްޑީސީ އަދި ފެނަކަ އަށް

75 ރަށެއްގެ ކުނި މެނޭޖްކުރާ ސެންޓަރުތައް ތަރައްގީ ކުރުމަށް އެމްޓީސީސީ، އާރްޑީސީ އަދި ފެނަކަ އާ ހަވާލުކޮށްފިއެވެ.

މި އަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ 2025 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް އެ ރަށަކާއި އެކަށޭނަ ކުނި މެނޭޖްކުރާނޭ ނިޒާމެއް ގާއިމުކޮށްދެއްވާނެ ކަމަށް އިއުލާނުކުރައްވާފައެވެ.

މިއަމާޒަށް ވާސިލުވުމަށްޓަކައި މި މަސައްކަތް ޓޫރިޒަމް އެންޑް ވަޔަރްމެންޓް މިނިސްޓްރީން ކުރިއަށްގެންދާ "މަގޭ ސާފުރާއްޖެ ޕްރޮގްރާމް" ގެ ތެރެއިން މާރޗު 15 ވަނަ ދުވަހު ހަވާޅުކުރީ އެމްޓީސީސީ، އާރުޑީސީ އަދި ފެނަކަ ކޯޕަރޭޝަނާއެވެ.

މިދިޔަ ހަފުތާގެ ތެރޭގައި އެ މިނިސްޓްރީންވަނީ 34 ރަށެއްގައި ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތައް ގާއިމުކުރުމުގެ މަސައްކަތް ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) އާ ހަވާލުކޮށްފައެވެ. އެހެންކަމުން މި ހަވާލުކުރި 75 ރަށާއި އެކު ޖުމްލަ 109 ރަށެއްގައި ވޭސްޓް މެނޭޖްމަންޓް އިންފްރާސްޓްރަކްޗަރ ގާއިމުކުރުމުގެ ނުވަތަ އަޕްގްރޭޑް ކުރުމުގެ މަސައްކަތް ސަރުކާރު ހިއްސާވާ ހަތަރު ކުންފުންޏަކާއި މިވަނީ ހަވާލުކޮށްފައެވެ.

މިޕްރޮގްރާމްގެ ތެރެއިން ކުނި މެނޭޖްކުރުމުގެ އިންފްރާސްޓްރަކްޗަރ ގާއިމު މިކުރާ 109 ރަށުގެ އިތުރުން ބާކީ ހުރި ރަށްރަށުގައި ވަނީ މިފަދަ އިންސްޓްރަކްޗަރ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި، މިނިސްޓްރީން ގަބޫލުކުރާ މިންގަނޑަށް ގާއިމުކޮށްފައެވެ. ނުވަތަ އެރަށްރަށަކީ ބޭރުގެ އެހީގައި މިނިސްޓްރީން ހިންގާ މަޝްރޫއުތަކުގެ ތެރެއިން އެމަސައްކަތް މިހާރު ކުރެވެމުންދާ ރަށްރަށާއި ޕްރޮކިއުމަންޓް މަރުހަލާގައި ހުރި ރަށްތަކެވެ.

އެހެންކަމުން ރޭވިފައިވާގޮތަށް މަސައްކަތް ކުރިއަށް ގެންގޮސް، މިއަހަރު ފަހުކުއާޓަރގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށެއްގައި މިމަސައްކަތް އެއްކޮށް ނިންމާލެވޭނެކަމަށް މިނިސްޓްރީން ވިދާޅުވެއެވެ.

ރަށްރަށުގައި ގާއިމުކުރާ ކުންޏާއި ވަސީލަތްތައް މެނޭޖްކުރާ މަރުކަޒުތަކަށް ބޭނުންވާ އިކްވިޕްމަންޓާއި ކުނި އުފުލާނެ އުޅަނދުތައް ވެސް (އެފަދަ ތަކެތި މިހާރު ފޯރުކޮށްދެވިފައި ނުވާ ރަށްރަށަށް) މިއަހަރުގެ ތެރޭގައި ފޯރުކޮށްދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި އެއްބަސްވުންތަކުގައި ތިމާވެއްޓާ ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ، ވަޒީރު ޠާރިޤް އިބްރާހީމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ ސީއީއޯ އަދި އެމްޑީ، ޑެޕިއުޓި ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔާޑް އަޙްމަދު ސަޢުދީއެވެ. ފެނަކައިގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ މޭޖަރ ރިޓަޔަރޑް މުޙައްމަދު ނަޖާޙެވެ. އަދި އާރްޑީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ، ބްރިގޭޑިއަރ ޖެނެރަލް ރިޓަޔާރޑް ޢަލީ ޒުހައިރެވެ.

ޚިޔާލު

އިތުރު ޚަބަރު