އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް މިހާރު އެދެވޭނެ

އެސްޑީއެފްސީގެ "ވިޔަފާރި އެހީ" ލޯނަށް މިހާރު އެދެވޭނެ

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެސްޑީއެފްސީ) ގެ "ވިޔަފާރި އެހީ" ލޯނަށް އެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ދުވަހުން ދުވަހަށް ދިމާވާ ފައިސާގެ ދަތިތަކުން އަރައިގަތުމަށް އޮތް ހައްލެއްކަމަށް އެސްޑީއެފްސީން ވިދާޅުވެއެވެ. އަދި ވޭތުވެދިޔަ 1 އަހަރު ދުވަހު މެދުކެނޑުމެއްނެތި ވިޔަފާރިކުރަމުންދާ ކޮންމެ ފަރާތަކަށް ވެސް މިލޯނަށް ހުށައެޅޭނެ ކަމަށް ވެސް ވިދާޅުވެއެވެ.

މީގެއިތުރުން މުދާ ގަތުމަށާއި ދުވަހުން ދުވަހަށް ބޭނުންވާ ވިޔަފާރީގެ ހަރަދުތައް ކުރުމަށް މިލޯނު ބޭނުންކުރެވިދާނެ ކަމަށާއި މި ލޯނު ސްކީމްގެ ދަށުން އެންމެ ގިނަވެގެން ނެގޭނީ 1.5 މިލިޔަން ރުފިޔާ ކަމަށް ވިދާޅުވެއެވެ. އަދި ލޯނުގެ އަދަދު 700،000 ރުފިޔާއަށްވުރެ މަތިވާނަމަ، ރަހުނެއް ދައްކަން ޖެހޭއިރު، އިންޓްރެސްޓް ރޭޓުގެ ގޮތުގައި އިތުރުވާނީ އަހަރަކު 9.5 އިންސައްތަ ކަމަށް ވެސް އެ ކުންފުނިން ހާމަކުރައްވައެވެ.

ގްރޭސް ޕީރިއަޑްގެ ގޮތުގައި ގިނަވެގެން 6 މަސް ދުވަސް ދޭއިރު، ލޯނު އަނބުރާ ދެއްކުމަށް ގިނަވެގެން 5 އަހަރު ދޭނެކަމަށް ވިދާޅުވެއެވެ.

އެސްޑީއެފްސީއަކީ ކުދި ފަންތިއާއި މެދު ފަންތީގެ ވިޔަފާރިތައް މުޅިން އަލަށް ފެށުމަށާއި ހިނގަމުންދާ ވިޔަފާރިތައް ދެމެހެއްޓެނިވި ގޮތުގައި ކުރިއަށް ގެންދިއުމަށާއި ވިޔަފާރިތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މަގްސަދުގައި 2019 ވަނަ އަހަރު އުފެއްދި ކުންފުންޏެކެވެ.

ޚިޔާލު

އިތުރު ޚަބަރު